މީހުންގެ އަނބިދަރީންގެ ޙައްޤުތަކަށް އަރައިގަނެ، ކަންކަން އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ޓީވީއާއި މީސްމީޑިއާ މެދުވެރިކޮށް ވަގުތުން ދައްކަންދިޔަ އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އަދި ދަރިކަލުންނަށް ނިސްބަތްކޮށް، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ދައްކައި، ގަނާ ކުރުމުގެ ހުތުރު ޢަމަލުތަކެއް ހިންގާފައިވާތީ، އެ ޢަމަލު އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން މިކަން ކުށްވެރިކޮށް އެޗްއާރްސީއމުންނާއި އީސީން ނެރުނު ބަޔާންތަކަކަށް ރައްދު ދެމުން އެމްޑީޕީން ނެރުނު ބަޔާނުގައި "ކަމުގެ ޙަޤީޤަތް ނުބަލާ" ކަމަށް ފާހަގަކޮށްފައިވީއިރު، މި މައްސަލައިގެ އަސްލު ކަމުގައިވާ މަންދީ، ރައީސް ރާއްޖޭގައި ވޭޕް މަނާކުރެއްވީ ދަރިކަލުން ކުރެއްވި ކަމަކުން ކަމަށް ބުނެފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތި ރައްޔިތުންނަށް ގަސްތުގައި އޮޅުވާލައި، ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައިކަން މުޠުލަޤަށް ފެންނަން އެބައޮތް ކަމަށް ޕީއެންސީން ބުންޏެވެ.
އެހެންނަމަވެސް މަންދީގެ ޢަމަލު ދިފާޢުކޮށް އެމްޑީޕީން ނޫސްބަޔާނެއް ނެރެ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ ޕީއެންސީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ޕީއެންސީން ބުނީ އެމްޑީޕީގެ ޗެއަރޕަރސަން، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްގެ ޓުވީޓަކުންވެސް ކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށް، މަންދީގެ ޢަމަލު ދިފާޢު ކުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކަނބަލަކު މިފަދަ މުޑުދާރު ޢަމަލެއް ހިންގާފައި މިވަނީ، އެ ޕާޓީ ހިމެނޭހެން މިފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި "ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޮރ އެންޝުއަރިންގ ސޭފްޓީ އެންޑް އީކުއަލް އޮޕޮރޗުނިޓީސް ފޮރ ވިމެން އިން ޕޮލިޓިސް" ގެ ނަމުގައި ފަހުމުނާމާ އެއްގައި ސިޔާސީ ޕާޓީތަކުން ސޮއެކޮށް އަތުގުޅާލިތާ ހަފުތާއެއްވެސް ނުވަނީސްކަމުން މިއީ ނުހަނު ލަދުވެތި ކަމެއް ކަމުގައިވެސް ފާހަގަކުރަން"، ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ޕީއެންސީން ބުނީ ފަސްޓްލޭޑީ އާއި ދަރިކަލުންނަށް ނިސްބަތްކޮށް، އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް މީދިއާ މެދުވެރިކޮށް މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއް ކަމަށް މިނިވަން ދިމިޤްރާތީ އެއްވެސް މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ހަމައެއް ނެތް ކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް އީސީންނާއި އެޗްއާރްސީއެމް ފަދަ މުއައްސަސާތަކުން އަންގާފައިވަނިކޮށް، އެމްޑީޕީ އާއި އެ ޕާޓީގެ އިސްވެރިން އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ބަސް ބުނެ އެކަންކަން ދިފާއު ކުރުމުން ދޭހަކޮށްދެނީ، އެބައި މީހުންނަކީ ޤާނޫނަކަށް ގަވާއިދަކަށް އަދި އިންސާނީ ކަރާމާތަކަށް ބެލުމެއް ނެތި އަމިއްލަ މަންފާ އިސްކުރާނެ ބައެއްކަން ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
"ގިނަ ޕާޓީ އުކެލެވޭ ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފް ކުރެވުނު ދުވަސްވަރުވެސް އެމްޑީޕީން ދިވެހީންނަށް ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށްދިނީ މިފަދަ ހުތުރު ޢަމަލުތަކުގެ ތެރެއިން ކަމުގައި ވީނަމަވެސް، ދިވެހީން މިއަދު މިވަނީ މިފަދަ ނާތަހުޒީބު ޢަމަލުތަކާ ދުރުވެތިބެ ހިންގާ ބިނާކުރަނިވި ސިޔާސީ ހަރަކާތްތަކަށް އަހުލުވެރިވެފައި ކަމަށް ވީހިނދު، އަދިވެސް އެމްޑީޕީން އެ ޕާޓީގެ އުފެދުމުގައިވެސް ގެންގުޅުނު މިފަދަ ބޯދާ މިންގަނޑުތައް އަލުން ދިރުވަން މަސައްކަތް ކުރާކަމީ ހިތާމަވެރި އަދި އެހާމެ ފިނޑި ސިޔާސަތެއް ކަމަށްވެސް މި ޕާޓީން ދެކެން"، އެ ބަޔާނުގައި ވެއެވެ.
ޕީއެންސީން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމާއި އިހުތިޖާޖު ކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނަމަވެސް، އެއްވެސް ކުށެއް ނެތި އެއްވެސް މީހެއްގެ ޙައްޤަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "ވަކިން ޚާއްޞަކޮށް މީހުންގެ އަނބިދަރީންގެ ހައްޤުތަކަށް އަރައިގަނެ، ކަންކަން އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް"، ބަޔާނުގައި ވެއެވެ. ޕީއެންސީން ވަނީ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފު ޢަމަލުތަކެއް ކަމަށްވެފައި، ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަން ކަމުގައިވާތީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން