ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު، ޙުސައިން ޝަހީދު ކުރިމަތިލައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމް ހުސްވެ އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ސުޢޫދު އިސްތިއުފާދެއްވާފައިވަނީ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ.
ޖޭއެސްސީގެ ފުރަތަމަ އިޢުލާނާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛާ މަރްޔަމް ނިހާޔަތު އެކަންޏެވެ. އެހެންކަމުން ޖޭއެސްސީން ވަނީ އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައނުވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފައެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 10:00 އަށް ހަމަވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޤާނޫނީ ވަކީލު، ރުސްދުﷲ އިބްރާހީމްވެސް ވަނީ ކުރިމަތިލައްވައިފައެވެ. މިއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވަނީ ޖުމުލަ ތިން ބޭފުޅުންނެވެ.
ޝަހީދު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ 24 ޖުލައި 2018 ގައެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އޭނާ ޢައްޔަންކުރައްވާފައިވަނީ 30 އޮކްޓޫބަރު 2023 ގައެވެ.
މި ލިޔުން ކިޔާލުމުން