ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޯރުކޮށްދެމުންދާ މުނިސިޕަލް ޚިދުމަތްތައް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތްތަކަށް އެދި ދުރާލައި ހުށަހެޅުމަށް އެ ކުންފުނިން އެދެފިއެވެ.
މިގޮތުން އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ، އެ ކޯޕަރޭޝަނުން ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން، އެ ޚިދުމަތްތައް ހޯދުމަށް ދަތިނުވާނެހެން ދުރާލައި ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިގޮތުން މި ޚިދުމަތްތަކަށް އެދި ހުށަހަޅަންވާނީ އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ރައީސް އޮފީހުން ވަނީ މިހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ބުނެފައެވެ.
1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް މިދިޔަ އަހަރު ވަނީ ކަނޑައަޅުއްވައިފައެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން