ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު، އިބްރާހީމް އިސްމާޢީލް (އިބުރާ) ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ، ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާ ގުޅިގެން އިބުރާ މި މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި އިބުރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
އަދި ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެ ކަމަށާއި، ޤާނޫނުއަސާސީގެ ބާރު ދިޔައީ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ތިން ބޭފުޅަކު ސަސްޕެންޑްކޮށްފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބިލު ތަސްދީޤު ނުކުރައްވައި، ބިލާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
މި ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމުލަ ހަތް މެމްބަރުންނެވެ.
ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
މި ލިޔުން ކިޔާލުމުން