މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދުމަށް ފަހު ކަނޑުދަތުރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެެދެފިއެވެ.
ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓުމަންޓުން މޫސުމަށް ސަމާލުވުމަށް އެދިފައިވަނީ އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވާ ވާތީއެވެ.
ކަނޑުދަތުރަށް ފުރުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އެމަރޖެންސީ އެއްގައި ގުޅަންވީ ނަންބަރު ފެންނާނެހެން އުޅަނދުގައި ބެއްހެއްޓުމަށް ވަނީ އެދިފައެވެ.
އަދި ދަތުރުގެ މެނިފެސްޓް އުޅަނދުގެ ވެރިފަރާތަަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ހިއްސާ ކުރުމަށާއި މުދާ އުފުލާ އުޅަނދުތަކަށް ކަނޑައެޅިފައިވާ ވަރަށްވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން