ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، ބްރިގޭޑިއަރ ( ރިޓަޔަރޑް ) އަލީ ޒުހެއިރުއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. އަލީ ހައިދަރުއެވެ.
މި ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތް ރޯޑް… pic.twitter.com/NrsrPExYva
— Min. of Higher Edu, Labour and Skills Development (@MoHEmv) March 11, 2025
ރ. ދުވާފަރުގައި ވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައެވެ. ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިނިސްޓްރީން ވިދާޅުވީ ކުޅުދުއްފުށްޓާއި ދުވާފަރުގައި ދަނާލަކާއެކު ތަރައްޤީ ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލްގެ ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށް ކަމަށެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއްގެގޮތުގައި މިނިސްޓްރީން ފާހަގަކުރައްވައެވެ.
ކުޅުދުއްފުށި ސިޓީގައި ބިނާ ކުރާ އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 35،777.88 އަކަފޫޓްގެ ޖާގައިގައެވެ. މި އިންސްޓިޓިއުޓްގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ.
ދަރިވަރުންނަށް އެރަށުގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ހުންނާނެއެވެ. ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން ހިމެނިފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން