މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެންބަރު އަދި މާލެ ސިޓީގެ ޑެޕިިއުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނަރީޝް، އެ މަޤާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކުރައްވައި ނަރީޝް ވިދާޅުވީ އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމަށް އެޑްރެސް ކުރައްވައި ނަރީޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަރީޝް ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކަައުންސިލްތަކުގެ އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވައި ގޮނޑި ކާމިޔާބުކޮށްދެއްވި ކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.
މީގެ އިތުރުން ގޮނޑި ކާމިޔާބުކޮށް ދެއްވުމަށްޓަކައި މަސައްކަތްކޮށްދެއްވި ކެމްޕޭން ޓީމަށާއި، ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުން، ވަކިން ޚާއްޞަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށް ނަރީޝް ވަނީ ޝުކުރު ދަންނަައިފައެވެ.
ނަރީޝް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ހޭދަކުރެއްވި މުއްދަތަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްކޮޅު ކަމަށާއި، މިއީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި، ޝަޚުސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޅުގަނޑަށް ސިފަވަނީ، ބޭނުންވާ ނަތީޖާތައް، ހަލުވިކަމާއެކު ނެރެދެއްވުމަށް ޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް، ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރިކަން، ޢަމަލުފުޅުން ސާބިތުކޮށް ދެއްވައި، ރީތި ނަމޫނާ ދައްކަވައި، މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތައް ގެންނެވި ލީޑަރެއްގެ ގޮތުގައި. އެ މަނިކުފާނުގެ އަރިހުން، އަޅުގަނޑަށް ދަސްވި ފިލާވަޅުތަކަށް ޓަކައި، އެ މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން"، ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން ނަރީޝް ވަނީ މިހާރުގެ މޭޔަރ އާދަމް އާޒިމްގެ އަރިހުން ދަސްވި ފިލާވަޅުތަކަށް ޓަކައި މޭޔަރަށްވެސް ޝުކުރު ދަންނަވައިފައެވެ.
އަދި މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުން ސިފަވަނީ ޢާއިލާގެ މެންބަރުން ފަދަ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ނަރީޝް ވަނީ ކައުންސިލްގެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ. އަދި ޑެޕިއުޓީ މޭޔަރުގެ މަޤާމުން ވަކިވި ނަމަވެސް، މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ގާތް، ބަދަހި ގުޅުން އަބަދުވެސް އެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ނަރީޝް ވަނީ އަރުވައިފައެވެ.
މި ލިޔުން ކިޔާލުމުން