ހިތަދޫ ފުލެޓުތަކުގެ ސިޑިގޮޅީގައި ދަތިވާ ގޮތަށް ތަކެތި ބަހައްޓާނަމަ ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހިތަދޫ ފުލެޓުތަކުގެ ސިޑިގޮޅިތެރޭ ޑިސްޓްރިބިއުޝަން ފޮށި ހުންނަ ދިމާލުގައި، ބައެއް ފަރާތްތަކުން ސައިކަލާއި ބައިސްކަލް ފަދަ އެއްގަމު އުޅަނދު ޕާކު ކުރުމާއި ތަކެތި ބަހައްޓަމުން ދާތީ ފުލެޓުގައި ދިރިއުޅުއްވާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ ތަކުރާރުކޮށް އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން ރީޑިންގ ނެގުމާއި ކަރަންޓް އެކި ކަންކަމުގައި ޑިސްޓްރިބިއުޝަން ފޮށި ހުޅުވައިގެން މަސައްކަތް ކުރުމަށް ދަތިވާތީ ކަމާއިބެހޭ ފަރާތުން އެ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ ސިޑިގޮޅިއަކީ އެފްލެޓަކަށް ވަދެނިކުމެވުމަށް ހުންނަތަން (މައި ދޮރަށް) ވުމާއި، އަދި ޚާއްޞަކޮށް ޑިސްޓްރިބިއުޝަން ފޮށި ކުރިމަތީ ތަކެތި ބެހެއްޓުމުން ދަތިވާތީ، ސިޑިގޮޅިތެރޭ އެއްޗެތި ބެހެއްޓުން މަނާ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ފުލެޓުގެ ސިޑިގޮޅިތެރޭ އެއްވެސް އެއްޗެއް ޕާކު ނުކުރުމަށާއި، ތަކެތި ނުބެހެއްޓުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
އަދި ކައުންސިލްގެ އެންގުމާ ޚިލާފަށް ތަކެތި ބަހައްޓައި، ޕާކުކުރާ ފަރާތްތަކާމެދު ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން