ކިއުބާއިން ޑޮކްޓަރުކަން ކިޔެވުމުގެ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ މެޑިސިންގެ ދާއިރާއިން ކިއުބާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުޞަތު މި ސްކޮލަރޝިޕްގެ ދަށުން ލިބޭނެ ކަމަށެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަކީ ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއެކު، ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
މީގެ އިތުރުން، އޯލެވެލްގެ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މިގޮތުން އިނގިރޭސި ފާހެއްކަމުގައި ބަލާނީ CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނުވަތަ TOEFL 550 އިން ފެށިގެން މަތި ނުވަތަ ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަދި މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ 16 މާރިޗު 2025 އަށް އުމުރުން 25 އަހަރުވެފައި ނުވާ ފަރާތަކަށް ވާންވާނެއެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާނީ 13 މާރިޗް 2025 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މައި އެޑިއު ޕޯޓަލް މެދުވެރިކޮށެވެ.
މި ލިޔުން ކިޔާލުމުން