ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އަށް މި ފަހުން ގެނައި އިޞްލާޙުތައް ބާޠިލުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ޖަވާބުދާރީވެފައި ނުވާތީ، ބަންޑަރަ ނައިބު އަޙްމަދު އުޝަމްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިގޮތުން އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރައްވައި ޢަލީ ޙުސައިން ހުށަހަޅުއްވާފައި ސިޓީގައި ބުނެފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އިޞްލާޙުކުރި މައްސަލައާ ގުޅިގެން 18 ފެބުރުވަރީ 2025 ގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، މި މައްސަލަ މަޢުލޫއީ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައި، މައުލޫއީ ގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ބަންޑާރަނައިބުގެ އޮފީހަށް 10 ދުވަހުގެ ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ މުއްދަތު 28 ފެބުރުވަރީ 2025 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، މިއަދާ ހަމައަށް ދިޔައިރު ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން މައްސަލައިގެ ޖަވާބު ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެއްވެސް ހުށަހެޅުމެއް ވެސް ހުށަހަޅާފައިނުވާކަމަށް، ކޯޓުން މަޢުލޫމާތު ދެއްވާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ (ޅ) ނިޔާކުރާގޮތުން، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ."، ޢަލީ ޙުސައިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވެ ކޯތުގެ ހުރުމަތް ކަނޑާފައިވާތީ ބަންޑާރަނައިބުގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށާއި، ޤާނޫނުއަސާސީ ބަދަލުކުރި މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުއްވުމަށް ބަންޑާރަނައިބަށް އަންގަވައިދެއްވުމަށް ޢަލީ ޙުސައިން ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން