ނިމިގެންދިޔަ ފެބުރުވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރީ 214،091 ފަތުރުވެރިންނެވެ. 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައިސްފައިވަނީ 217،391 ފަތުރުވެރިންނެވެ.
މިދިޔަ މަހު އެވަރެޖުކޮށް ދުވާލަކު 7،646 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއް ދުވަހެއްގައި އެންމެ ގިނައިން އައިސްފައިވަނީ 9،518 ފަތުރުވެރިންނެވެ. އަދި ދުވާލަކު އެންމެ މަދުން ޒިޔާރަތްކޮށްފައިވަނީ 5،479 ފަތުރުވެރިންނެވެ.
މީގެ އިތުރުން އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. މިގޮތުން މިދިޔަ މަހު އެ ޤައުމުން 23،210 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ލިސްޓުގައި ދެވަނައިގައި އޮތް ޗައިނާއިން އައިސްފައިވަނީ 21،928 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް ރަޝިއާއިން އައީ 20،649 ފަތުރުވެރިންނެވެ.
މީގެ އިތުރުން މިދިޔަ މަހު އިޓަލީގެ 19،120 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުގެ 14،119 ފަތުރުވެރިންނާއި، ފަރަންސޭސިވިލާތުގެ 10،590 ފަތުރުވެރިންނާއި، އިންޑިއާއިން 10،253 ފަތުރުވެރިންނާއި، އެމެރިކާއިން 6،448 ފަތުރުވެރިންގެ އިތުރުން ސްވިޓްޒަލަންޑުން 5،399 ފަތުރުވެރިން އަދި ޕޮލޭންޑުން 5،354 ފަތުރުވެރިން ވަނީ މިދިޔަ މަހު ރާއްޖެ އައިސްފައެވެ.
މިއާއެކު މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 428،954 އެވެ.
މި ލިޔުން ކިޔާލުމުން