ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2025-2026 ދިރާސީ އަހަރު ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 12 މާރިޗް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ރޮމޭނިއާ އެންބަސީ އިން އަންގާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީގެ ޕްރޮގްރާމްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނަތީޖާ 30 ޖޫން 2025 ވާ ބުރާސްފަތި ދުވަހު އީ.މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެންގޭނެކަމަށް ރޮމޭނިއާ އެންބަސީން އަންގާފައިވާ ކަމަށްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.
އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން