ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި އިމާރާތްކުރާ އައު މިސްކިތް ކަމަށްވާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھاގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން ޢިމާރާތްކުރާ މި މިސްކިތަކީ، މ. ޠައިބާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ.
ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، 2،000 މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا އަށެވެ.
މި މިސްކިތުގައި ރިސަރޗް ލައިބްރަރީއަކާއެކު އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ޚާއްޞަ ފާޚާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.
މި ލިޔުން ކިޔާލުމުން