މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ގުޅުއްވައި ޝުކުރު އަދާކުރައްވައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ ކޮމިޝަނަރުން ކަމުގައިވާ އިސްމާޢީލް ނަވީން އަދި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަކަށް ތައުރީފުކުރެއްވިއެވެ. ކޮމިޝަނަރ ޝުޖާޢު، ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވައި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ.
އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަންގެ ނާޒުކުކަން ފާހަގަކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއްކަމުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން، 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވައި މަސައްކަތަށް ތައުރީފުކުރެއްވިއެވެ.
މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
45 ފަސިންޖަރުންނާއި 3 ފަޅުވެރިންނާއެކު ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗް އަޑިއަށްދިޔަ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގައެވެ.
ފުލުހުން ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން