ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާން މަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށްވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަހަކީ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް ކުރާ ހޭދަ ޢާންމު މަސްމަހަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ދާ މަހެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވޭ ކަމަށާއި، މި ރަމަޟާން މަހު ވެސް ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ، ޢާންމު މަހަކަށްވުރެ އިތުރުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން ރައީސްގެ މި ނިންމެވުން ތަންފީޒު ކުރުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ހުރިހާ ޔޫޓިލިޓީ ކުންފުނިތަކުގެ މެދުގައި ކުރެވުނު މަޝްވަރާއިން އެއްބަސްވެވިފައިވާ ގޮތުގެމަތިން ފެނަކައިން ވެސް މި ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓުގެ ޚިދުމަތަށް ހަތަރު ގޮތަކަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ޑިސްކައުންޓް ދެވޭ ގޮތްތައް:
- 2024 ވަނަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަ ކުރެވުނު ފެބްރުއަރީ، މާރޗް އަދި އޭޕްރިލް 03 މަސް އުނި ކުރުމަށްފަހު، ބާކީ 09 މަހުގެ ފެން އަދި ކަރަންޓު ބިލުގެ އެވަރެޖަށް ވާ މިންވަރަށްވުރެ، މި ރަމަޟާންމަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުރު ވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
- ފާއިތުވި އަހަރުގެ އެވަރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަޤު، ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
- މި ރަމަޟާން މަހުގެ ބިލްގެ ޢަދަދު ފާއިތުވި އަހަރުގެ އެވަރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
- ފެނާއި ކަރަންޓުގެ ޚިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
ވީމާ، މި ރަމަޟާން މަސް ނިމިގެން ލިބޭ ފެން ބިލާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވެ، ފެން ބިލާއި ކަރަންޓު ބިލް ބޮޑުވެގެން ނުދާނެކަމުގެ ޔަޤީންކަން ލިބިގެން ދާނެ ކަމުގައި ފެނަކައިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން