އާންމު ހާލަތަށް ގެނެސް، މާލޭގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. މިގޮތުން މާލޭގައި ކުރިއަށްގެންދިޔަ ފެން ހިންދުމުގެ އޮޕަރޭޝަންގައި 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އަދާހަމަ: އަދި މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ. މި އޮޕަރޭޝަންގައި 16911 ޓަނުގެ ފެންވަނީ ހިންދާފަ. pic.twitter.com/x045vNbttl
— Maldives National Defence Force (@MNDF_Official) March 2, 2025
އެމްއެންޑީއެފުން ބުނީ އެ މުއައްސަސާއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ކ. މާފުށި، އދ. މާމިގިލީގައި ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން ހިންދުމުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި، ވެލި ބަސްތާ ތައްޔާރުކޮށް، ވެލި ބަސްތާ ޖެހުމަށް ފުލުހުންނާ ގުޅިގެން ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ވެސް ހަރަކާތެރިވެފައިވެއެވެ. މި މަސައްކަތް ދާގޮތް މިނިސްޓަރ އާދަމް ޝަރީފް ވެސް ވަނީ ބައްލަވާލައްވާފައެވެ.
ރާއްޖެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މި ލިޔުން ކިޔާލުމުން