ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން އިޝްތިހާރުގެ ގޮތުގައި ބަލާނެ ކަންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެމްއެފްޑީއޭ ) އިން ސާފުކޮށްދީފި އެވެ.
އެކަމާ ގުޅިގެން، ކާބޯތަކެތި ވިއްކާ ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުންނާއި ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސޯޝަލް މީޑިއާގައި ކާބޯތަކެތި ވިއްކުމަށް ޖަހާ ވަކިވަކި ޕޯސްޓުތައް އެއީ އިޝްތިހާރުގެ ގޮތުގައި ހިމެނި، ވަކިވަކި ޕޯސްޓުތަކަށް ހުއްދަ ނަގަން ޖެހުމެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޝްތިހާރެއް ކަމަށް ބަލާނީ ކާބޯތަކެތި ނުވަތަ އުފެއްދުމަށް ބޭނުން ކުރާ އެއްޗެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަށް ކަމަށެވެ.
އޭގެ ތެރޭގައި ރެސްޓޯރެންޓު ފަދަ ތަންތަނުގެ މެނޫ އާއި ކާބޯތަކެތި ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ހުރި ކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް ނުހިމެނޭނެ އެވެ.
އެހެންކަމުން ސޯޝަލް މީޑިއާގައި ޖަހާ މިފަދަ ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެ އެމްއެފްޑީއޭ އިން ބުންޏެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެންނެވެ. އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
މި ލިޔުން ކިޔާލުމުން