ރޭ އިރާކޮޅުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާތީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު މެދުރާއްޖެ ތެރޭގެ ބޮޑު ސަރަހައްދަކަށް ގަދައަށް ވިއްސާރަވެ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމުގައި ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ނިޔަލަށް ހުރި އަތޮޅުތަކަށް އޮރެންޖު ސަމާލު ނެރެފައެވެ.
ރޭ އިރުއޮއްސުމަށްފަހު ވެހެން ފެށި ބޯ ވިއްސާރައާ ގުޅިގެން އެންމެ ފުރަތަމަ އޮރެންޖު ސަމާލު ނެރުނީ 9:45 އިން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށެވެ. އޭގެ ފަހުން މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް އެ ސަމާލު ދެމެހެއްޓުމަށްފަހު، 3:00 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި.
— Heena Waleed (@MvSpokesperson) March 1, 2025
މާލޭގައި ފެންބޮޑުވެފައިވާއިރު، މާލެ ކައިރިން ކ.ހުރައާއި ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރުންވަނީ އެ ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްގެންގޮސްފައެވެ.
މި ލިޔުން ކިޔާލުމުން