ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ހިރިމަރަދޫއާއި ހަނިމާދޫ ކައުންސިލާއި ރައްޔިތުންނާ ބައްދަލު ކުރެވިފައިވާ ކަމަށާއި، ހުރިހާ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.
ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިވަނީ ފެށިފައި.
ހދ. ހިރިމަރަދޫއާއި ހދ. ހަނިމާދޫ ކައުންސިލާއި ރައްޔިތުންނާ މިވަނީ ބައްދަލު ކުރެވިފައި. ހުރިހާ ބައްދަލުވުންތައް ވެސް ވަރަށް ކާމިޔާބު.
ހިރިމަރަދޫގެ ރައްޔިތުން ތިބީ ކެތް މަދުވެފައި.… pic.twitter.com/1CnogobqT7
— Adam Shareef Umar (@Adamshareefz) February 28, 2025
މީގެ އިތުރުން ވަޒީރު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށާއި، ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ މިދިޔަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މިގޮތަށް ސަރުކާރުން ނިންމަވާފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ އެންމެ ކުޑަ ރަށް ކަމަށްވާއިރު، އެންމެ ފަހުގެ ބޯހިމުނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީ އަކީ 293 މީހުންނެވެ. އެ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދިފައިވެއެވެ. އަދި އެ ރަށު ކައުންސިލުންވެސް ވަނީ މީގެ ކުރިން އެ ރަށު ރައްޔިތުން ކ. އަތޮޅު ތުލުސްދޫ އަށް ބަދަލުކޮށްދިނުމަށްވެސް އެދިފައެވެ.
ސަރުކާރުން މިއަދު މި ނިންމެވި ނިންމެވުމަކީ ހިރިމަރަދޫގެ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން