މި އަހަރުގެ ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު ހުރިގޮތުން ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ "އަގުމަގު1446" ޕޯޓަލް ރޭ ތަޢާރަފްކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ޕޯޓަލުން ކޮންމެހެން ބޭނުންވާ މުދަލުގެ އަގުތަކާ ބެހޭ އަދާހަމަތައް ލިބި، މުދާ ގަތުމާމެދު ނިންމުންތައް ނިންމުމަށް ފަސޭހަވެގެންދާނެއެވެ. މި ޕޯޓަލްގައި ހިމަނާފައިވާ އަގުތައް އެއްކޮށްފައިވަނީ އެ ވުޒާރާގެ އިންސްޕެކްޓަރުން ކުރިއަށްގެންދާ ރޭންޑަމް އިންސްޕެކްޝަންތަކުގެ ތެރެއިންނާއި، ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ހިއްސާކުރާ މަޢުލޫމާތުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މިހާރު މި ޕޯޓަލްގައި ހިމަނާފައިވަނީ ހަމައެކަނި ގްރޭޓަރ މާލެ ސަރަހައްދުގެ ފިހާރަތަކުގެ އަގުތައް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގެ ރަށްރަށުގެ އަގުތައްވެސް ހިމެނޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ޕޯޓަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް ލުއިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންވެސް ކަނޑައަޅާ ބާވަތްތައް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ޕޯޓަލްގެ ދެން އޮތް މަރުހަލާގައި ޕޯޓަލަށް ވިޔަފާރިވެރިންނަށް އަމިއްލައަށް އަގު ޕޯސްޓުކުރެވޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން