1446 ވަނަ އަހަރުގެ ރަމަޟާން މަހު ގދ. ރަތަފަންދޫގެ ގޭބިސީތަކުން ކައުންސިލްއިން ހިލޭ ކުނިއުކައިދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ރަތަފަންދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުރިއަށް މިއޮތް ރަމަޟާން މަހު ރަތަފަންދޫގެ ގޭބިސީތަކުން ކޮންމެ ދުވަހަކު އުފެދޭ ކުނި ހިލޭ އުކައިދިނުމަށް އެކައުންސިލްގެ މި އަހަރުގެ 07 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. މި ޚިދުމަތް ކުރިއަށް ދާނީ ރަމްޟާންމަހުގެ ފުރަތަމަ ދުވަހުން (01 މާރިޗް 2025) ފެށިގެން ފިތުރު ޢީދު ބަންދު (02 އޭޕްރީލް 2025) އާ ހަމައަށް ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ގޭބިސީތަކުން އުކާލާ ކުނި ތައްޔާރުކޮށް ބެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުވެސް އެ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. މިގޮތުން ކުނިވާ ޒާތުގެ ކުނި، ޕްލާސްޓިކްގެ ބާވަތްތައް، ދަގަނޑުގެ ބާވަތްތަކާއި ބިއްލޫރި އަދި ނެޕީ ވަކިކޮށްފައި ބަހައްޓަންވާނެ ކަމަށާއި، ކުނި ބަހައްޓަންވާނީ ކުނިވަސް ނުދުވާ ގޮތަށް މަތިޖެހި ޓައްޕެއް ނުވަތަ މަތިޖެހި ބާލިދީއެއްފަދަ އެއްޗެއްގައި ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުނި ބަހައްޓަން ވާނީ ކުނި ނަގާ މީހުންނަށް ފަސޭހައިން ނެގޭ ގޮތަށް ރައްކާތެރިކަމާއެކު މަގުން ހިނގާ މީހުންނަށާއި، މަގުގައި ދުއްވާ އުޅަނދުފަހަރަށް އުނދަގޫ ނުވާނެ ގޮތަށް ކަމަށާއި، ޑަސްބިން ބަހައްޓާ ތަން ކުނި ނަގާ ފަރާތްތަކަށް އަންގަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި އުސޫލުގައި ބުނެފައިވާ ގޮތަށް ކުނި ވަކިކޮށްފައި ނުވާނަމަ، އެ ދުވަހެއްގެ ކުނި ނުގެންދެވޭނެ ކަމަށާއި، ކުނި ގެންދެވޭނީ އުސޫލުގައިވާ ގޮތަށް ކުނީގެ ބައިތައް ވަކިކުރުމުން ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ގޭބިސީތަކުން ކުނި ނެރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00ގެ ކުރިންނެވެ. އަދި ކުނި އުކުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން 8:30 އަށެވެ.
މި ލިޔުން ކިޔާލުމުން