މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މިމަހުގެ 31 ވަނަ ދުވަހު ފަށާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުކުވެސް ބާއްވަމުން އަންނަ މި ފޯރިގަދަ މުބާރާތުގައި މި ފަހަރުވެސް ބައިވެރި ވާނީ ހަމަ އެކަނި މިލަންދޫ އަށް ނިސްބަތްވާ ޓީމުތަކެއެވެ. މުބާރާތް ރޭވިފައި ވަނީ، ލީގު އުސޫލުން އެއް ޓީމު އަނެއް ޓީމާއި ބައްދަލުކޮށް ހުރިހާ މެޗެއް ކުޅުމަށް ފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 4 ޓީމު ސެމީ ފައިނަލްގެ މެޗުތައް ކުޅޭ ގޮތަށެއެވެ. ފައިނަލް އަށް ދާނީ ސެމީގެ ދެ މެޗުން ކުރި ހޯދާ ޓީމު ތަކެއެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފައިނަލް މެޗު ކުޅޭ ގޮތަށް، ފިތުރު އީދު ދުވަހު ފަށާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރި ވާނެ ކަމަށް މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް 'ސަބަބު' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެ އިތުރުން މިލަންދޫއަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިންނާއި އެ ރަށުގެ އެންމެ ވަރުގަދަ ޓީމުތައް މި ފަހަރުގެ މުބާރާތުގައި ވެސް ކުޅޭނެއެވެ. މިގޮތުން އެ ރަށަށް ނިސްބަތްވާ ސިކްސް ޕެކް ސްޕޯޓްސް ކްލަބް، އީގަލްސް، ޑޮމިނޭޓަރސް، ވޮލްކޯ ޔުނައިޓެޑް، ދަރަކަން އެފް.ސީ، ލިންކް ސްޕޯޓްސް އަދި ކަލާފާނު އެފް.ސީ ބައިވެރިވެފައިވެއެވެ.
މުބާރާތް ފަށާ ދުވަހު 3 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އީގަލްސް އާއި ސިކްސް ޕެކް ސްޕޯޓްސް ކްލަބް އެވެ. ދެވަނަ މެޗުގައި ޑޮމިނޭޓަރސ،ް ދަރަކަން އެފް.ސީ އާއި ބައްދަލު ކުރާއިރު ފަހު މެޗުގައި ކަލާފާނު އެފް.ސީ ނުކުންނާނީ ވޮލްކޯ ޔުނައިޓެޑް އާއި ދެކޮޅަށެއެވެ.
މުބާރާތުން ފެނިގެން ދާނެ ރާއްޖޭގެ ނަން ހިނގާ ކުޅުންތެރިންނަށް ބަލާލާއިރު ހުސައިން ޝަރީފް (އޮންލީ)، އަޔާޒު އަޙްމަދު (އަޔާ)، ވަޖީހު (ވައްޖެ)، ޝިޔާހް (ޝިޔަޅޭ)، ޒައިދާން (އަސޫ)، ޖުމައިލް (ޖުމްބެ)، ނަދާދު (ކުޑައްޓޭ)، ނަސާމް (ނައްޓު) އަދި އަނާން ފަދަ ކުޅުންތެރިން ފާހަނގަ ކޮށްލެވެއެެވެ.
ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތް ތަކުގެ ތެރެއިން ވެސް ފާހަނގަ ކޮށްލެވޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވޮލްކޯ ޔުނައިޓެޑް އެވެ.
މި ލިޔުން ކިޔާލުމުން