ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަން އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޒަރީރު ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަޤީޤަތަކަށް ހެދިގެންދިޔަކަމީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، މިކަމަކީ ވަޒީރު ޑރ. ޝަހީމްގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށްޓަކައި މީރާއާއި އެ ވުޒާރާގެ ކަމާ ގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއް ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަވާ ހަޤީޤަތަކަށް ހެއްދެވީތީ މީރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިންމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރި ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ޚައިރާތުގެ ގޮތުގައި ޞަދަޤާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން