ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އިޢުލާންކުރީ ވެރިކަން ބަދަލުވުމުގެ ދެ ދުވަސް ކުރިން 15 ނޮވެންބަރު 2023 ގައި ނަމަވެސް، 17 އަދި 18 ނޮވެންބަރު 2023 ގައިވެސް ފުލެޓު ކޮމިޓީގެ ބޭފުޅުން ޕޯޓަލަށް އެކްސެސްވެފައިވާކަން ސާބިތު ކުރެވޭ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ލިސްޓު އިޢުލާންކުރުމާއެކު އެއް ޞަފްޙާގެ އެއްބަސްވުމެއް ދެ ދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާއެކު ވެފައިވާ ކަމަށެވެ.
ފުލެޓު ލިސްޓު ވެރިފައިކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދިއުމުގައި ބެލީ އެމީހަކު ހުށަހަޅާފައި ހުރި މަޢުލޫމާތުތަކަށް ކަމަށާއި، ހުށަހެޅި ފަރާތަށް ފައިދާވާ ގޮތަށް މާނަކުރެވެން އޮތްނަމަ އެގޮތަކަށް މާނަކޮށްގެން، ވީހާވެސް ގިނަ ފަރާތެއް ލިސްޓުގައި ހިމެނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފުލެޓު ލިސްޓުގައި ފާހަގަކުރެވުނު ބައެއް މައްސަލަތަކުގެ ތެރޭގައި ކުންފުނި ރަޖިސްޓްރީކުރި ތާރީޚަށްވުރެ ކުރިން ކުންފުނީގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބަޔާންކޮށް ލިޔުން ދީފައިވާ މައްސަލަ ހިމެނެއެވެ.
"2017 ގައި އުފައްދާފައިވާ ކުންފުންޏަކުން 2007 އިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާކަމުގެ ލިޔުން ދީފައި އެބަހުރި. އިއްތިފާޤުން މި ފަރާތަކީ ފުލެޓު ކަންކަން ބެލެހެއްޓި ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓި އެއް ފަރާތް"
މީގެ އިތުރުން، ރާއްޖޭގެ ޕެންޝަނަށް ރަޖިސްޓްރީކޮށްފައިވާ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏަކުން، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއްގެ ކެޔޮޅަކަށް މާލޭގައި ދާއިމީ ވަޒީފާއެއްގައި މަސައްކަތް ކުރަމުންގެންދާކަމުގެ ލިޔުން ދީފައިވާ ކަމަށާއި، އެއް ގެއެއްގެ ފަސް މީހަކަށް ކައުންސިލުން ލިޔުން ދީގެން ފުލެޓު ލިސްޓަށް އަރުވާފައި އެބައޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ފުލެޓު ކޮމިޓީގެ މެންބަރަކު އަމިއްލައަށް އޭނާގެ ފޯމު ސުޕަވައިޒަރަކަށް އެސައިންކޮށްގެން އިވެލުއޭޓްކޮށްގެން ފުލެޓު ލިބޭ ލިސްޓުގައި ހިމަނާފައި އެބައޮތް"
ވަޒީރު އިތުރަށް ވިދާޅުވީ ޕޯޓަލްގައި މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމަށްޓަކައި އަޕްލޯޑްކުރަންޖެހޭ ބަޔަށް އައިޑީކާޑުގެ އެއް ފުށް އަޕްލޯޑްކޮށްފައި ހުރި ފަރާތެއްވެސް މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުވާ ކަމަށް ބަލާފައި ލިސްޓުގައި ހިމަނާފައިވާ ކަމަށާއި، އައިޑީ ކާޑުގެ އެއް ފުށާއި ކައިވެނީގެ ސެޓުފިކެޓުގެ އެއް ފުށްވެސް އަޕްލޯޑްކޮށްފައިވާ ފަރާތްތަކަށްވެސް 87 ޕޮއިންޓާއެކު ފުލެޓު ލިބޭ ލިސްޓުގައި ހިމަނާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކަށް ރަސްމީ ލިޔުމެއް ދީފައި އެބައޮތް އެތަނުގެ އިސްވެރިއެއްގެ ގޭގައި އާންމު ރައްޔިތަކު އުޅެމުންދާކަން"، ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އިވެލުއޭޝަނަށް ކާކުކަން ޔަޤީންނުވާ ޖީމެއިލް އެކައުންޓްތައް ބޭނުންކޮށްގެން އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި، މާލޭގައި 15 އަހަރު އުޅުނު ކަމަށް އަމިއްލައަށް އުޅުނު އެޑްރެސް އަދި އަހަރުތަކަށް ބަލާފައި ފުލެޓު ލިސްޓުގައި ހިމަނާފައި އެބަހުރި ކަމަށާއި، ރަށްރަށުގައި ދައުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މާލޭގައި ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅައިގެން ލިސްޓުގައި ހިމެނިފައިވާ ކަމަށާއި، ހަމަ އެކަނި ދެ އަހަރު ސްކޫލްގައި އުޅުނުކަމުގެ ލީވިންގ ސެޓުފިކެޓު ހުށަހަޅައިގެން މާލޭގައި 15 އަހަރު އުޅުނު ކަމަށް ބަލައި ލިސްޓުގައި ހިމަނާފައި އެބަހުރި ކަމަށާއި، އިތުރު އެއްވެސް ލިޔުމެއް ނުލައި ހަމައެކަނި މާލޭ ގެއެއްގައި އުޅުނުކަމުގެ ލިޔުން އެކަނި ހުށަހަޅައިގެންވެސް ފުލެޓު ލިސްޓުގައި ހިމެނިފައި އެބަހުރި ކަމަށާއި، މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތައްވެސް ޝަރުތު ހަމަވާކަމަށް ބަލައި ލިސްޓުގައި ހިމެނިފައިވާ ކަމަށެވެ.
އަދި ހުށަހަޅާފައިވާ މަޢުލޫމާތަށް ބަލާއިރު، އެއަށްވުރެ އިތުރަށް ޕޮއިންޓް ދީގެން ލިސްޓަށް އަރުވާފައި ހުރި ފަރާތްތައްވެސް ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން