ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް އިޢުލާނުކުރައްވައިފިއެވެ.
މި މަޝްރޫޢުގައި ބިން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނޭނެ ކަމަށާއި، މަސައްކަތް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބަލާއިރު، ހުޅުދެލީ ސްކޫލުގެ ޖާގަ އިތުރުކުރުމާއި ބިނާރު ހަމަކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ ކަމަށާއި، އިންސާނީ އަދި ޢުމްރާނީ ވަޞީލަތްތަކާއެކު ފުރިހަމަ ޞިއްޙީ މަރުކަޒެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅިވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، މިއަހަރުގެ ތިންވަނަ ކުއާޓަރގައި އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި ބެހެއްޓޭނެ ރަށްތަކުގެ ތެރޭގައި ހުޅުދެލި ހިމެނޭކަމަށެވެ.
އަދި މީގެއިތުރުން، ހުޅުދެލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވިފައިވެއެވެ.
މި ލިޔުން ކިޔާލުމުން