ޕީއެންސީގެ މެމްބަރުން ވޯޓު ނުލާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ޕީއެންސީ ޕާޓީގެ 11 މެމްބަރުން ވޯޓުގައި ބައިވެރިނުވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުފުޅުތަކުގަ. 2 މެމްބަރުންނަށް ވޯޓުގައި ބައިވެރިނުވެވުނީ." އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
— Ibrahim Falah (@IbrahimFalahR) February 25, 2025
ފަލާހު ވިދާޅުވީ އެ ދެ މެމްބަރުން ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިނުވެވިފައި ވަނީ ކީއްވެތޯ ލީޑަރޝިޕުން ދަނީ ބަލަމުން ކަމަށެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
މިއަދު ބޭއްވި ޖަލްސާގައި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު، ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މި ލިޔުން ކިޔާލުމުން