މިނިސްޓަރ އޮފް ހޯމްލޭންޑް ގެ ހައިސިއްޔަތުން ފުލުހުންގެތެރެއަށް ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިވަގުތު ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ތުހުމަތުތަކަކާއި އެކު މިނިސްޓަރ އަލީ އިހްސާންގެ މައްޗަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ، އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް މިއަދު ޖަވާބުދާރީވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އަޅާކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށެވެ.
"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭނެ،" އިހުސާން ވިދާޅުވި އެވެ.
ތަހުގީގަށް ހުރަސް އަޅާ ވާހަކައާ ގުޅިގެން މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މައްސަލަ މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެފް.އެސް.އެމް. ގެ ވަގަށް ތެޔޮ ވިއްކި މައްސަލައާއި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" މިނިސްޓަރ އަލީ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެ މައްސަލަތަކަށް އޭނާ ހުރަސް އަޅާނަމަ އެއްވެސް މައްސަލައެއް ނުހިނގާނެ ކަމަށެވެ. މިދިޔަ ފަސް އަހަރު ކިތައް މައްސަލަ ހިނގައިދިޔަތޯ ސުވާލު ކުރައްވަމުން އިހުސާން ވިދާޅުވީ މިހާރު ބަލަމުންދާ ގިނަ މައްސަލަތަކަކީ މިދިޔަ ފަސް އަހަރު ހިނގާފައިވާ ކަންކަން ކަމަށެވެ. އެ މައްސަލަތައް ބަރާބަރަށް ތަހުގީގުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވާހަކަ ކުރިއަށް ގެންދެވިއިރު އެމްޑީޕީގެ މެންބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ނިޒާމީ ނުކުތާވެސް ނަންގަވާފައެވެ. އޭގެ ފަހުން މަޖިލީހުގެ ރައީސް ވަނީ މީކާއީލް ގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން