ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފިއެވެ.
މިގޮތުން މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާޓެއްގައި މާއެނބޫދޫގައި ޤާއިމުކުރި ބީއެމްއެލް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އެނބޫދޫގައި ބީއެމްއެލްގެ އޭޓީއެމެއް ބެހެއްޓުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ވިދާޅުވީ މިއަދު އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން މި ދިޔައީ މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މި ޚިދުމަތް ފެށުމާއެކު، މި ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ޚިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މާއެނބޫދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 153 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން