ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙާމެދު ކަންބޮޑުވުން ފާޅުކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަޞީމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާﷲައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅެ މައުޟޫޢަކަށް އޮތް މައްސަލައަކަށް ވާތީ، މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ، މައްސަލަ ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށެވެ.
މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށޤ ބިރު ދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯޜުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާކަމާއި، ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންނަކީ މުސްތަގިއްލު ކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި، އެންމެހައި ތައައްސުބުން އެއްކިބާވެ ތިބެ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ޢަމަލުކުރަން ތިބި ފަރާތްތަކެއްކަން ފާހަގަކުރައްވައި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީގައި ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށާއި، ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީއަށް ހަ ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ ހައްސާސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުމުގެ ނިޔަތުގައި ކުރެވޭ އަމަލެއް ކަމުގައި ފެންނަ ކަމަށާޢި، މި ބިލު މަޖިލީހުން ފާސްކޮށްފިނަމަ، ޤާނޫނުއަސާސީން އެކަށައަޅާފައި ތިން ބާރު ވަކިވެފައި އޮތުމުގެ ނިޒާމު ރޫޅި، ޤާނޫނުއަސާސީން އެކަށައަޅާފައިވާ އެންމެހައި ހަމަތަކަށް ބުރޫއަރައި، މުޅި ދަައުލަތުގެ އެންމެހައި ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެންދާނެ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
"ޤާނޫނުއަސާސީގެ ދަށުން މިނިވަން ބާރެއްގެ ގޮތުގައި ޤާއިމްކޮށްފައިވާ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅައި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލައި، ފަނޑީޔާރުން މަޤާމުން ވަކިކުރެވޭ ގޮތަށް ފާސްކުރާ ޤާނޫނަކީ، ޤާނޫނުއަސާސީއާ ޚިލާފަށް ފާސްކުރެވޭ ޤާނޫނަކަށްވެގެންދާނެ"، ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން