އައްޑޫ ސިޓީ ހުޅުދޫގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 12:09 ހާއިރު ކަމަށާއި، ހުޅުދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ގުދަނުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 13:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ދެބަޔަކަށް ބައިކޮށް އެއްޗެހި ރައްކާކޮށްފައިހުރި މި ގުދަނުގެ އެއްބައިގައި ލަކުނޑި ރައްކާކޮށްފައިހުރިއިރު، އަނެއް ބައިގައި ހުރީ ކެއްކުމަށް ބޭނުންކުރާ ގޭސް ފުޅިއާއި، ގަސްކާނާ ފަދަ ތަކެތި ކަމަށެވެ. އަދި މީގެތެރެއިން ލަކުނޑި ރައްކާކޮށްފައިހުރި ބައިގައި އަލިފާނުގެ ހާދިސާ ހިނގިއިރު، މި ލަކުނޑިތައް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، ގުދަނުގެ އަނެއް ބަޔަށް އަލިފާނުގެ އަސަރު މާ ބޮޑަށް ކޮށްފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން