ރައީސް މައުމޫންގެ ފޮންޓު ތަޢާރަފް ކުރެވުމަކީ ދިވެހިބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމު ކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށެވެ. އަދި މިއީ ދިވެހިބަސް ދިރުވައި އާލާ ކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމު ކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެކެވެ. ދިވެހިބަސް ދިރުވައި އާލާ ކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެކެވެ.
ރައީސް @MaumoonGayoom އަށް ވަރަށް ބޮޑަށް ޝުކުރު… pic.twitter.com/O5p974dydH
— Ibrahim Mohamed Solih (@ibusolih) February 23, 2025
"ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން"، އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ރައީސް ޞާލިޙް ވަނީ "މައުމޫން" ފޮންޓު ފަރުމާ ކުރެއްވި ގްރެފިކް ޑިޒައިނަރ ޢަބްދުﷲ ޝަފީޢު އާއި އެންކްރިއާ ސްޓޫޑިއޯ އަށް މަރުޙަބާ ދަންނަވައިފައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، "މައުމޫން" އިފްތިތާޙްކުރީ ހުކުރު ދުވަހުގެ ރޭ އެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، މާލޭގެ އާޓް ގެލަރީގައި ބޭއްވި ހަފްލާއެއްގައެވެ.
މި ފޮންޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ ޤައުމުގެ ބަސްކަމަށާއި، އަދި ޤައުމު ތަރައްޤީވާނީ ބަސް ތަރައްޤީވެގެންކަންވެސް ކުރީގެ ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މަޢުރަޒެއް ވަނީ ބާއްވައިފައެވެ. އެ މަޢުރަޒު ކުރިއަށްދިޔައީ އިއްޔެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.
އަދި ގިނަ ބަޔަކު އެދެމުންދާތީ، މިއަދުވެސް ފޮންޓު މަޢުރަޒު ކުރިއަށްގެންދަން މައުމޫން ފައުންޑޭޝަނުން ވަނީ ނިންމައިފައެވެ. މިގޮތުން މިއަދު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މަޢުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން