ކާބޯތަކެތި އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އެމްއެފްޑީއޭއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ އިޝްތިހާރުގެ ގޮތުގައި ބޭނުންކުރުން މަނާކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކާބޯތަކެތި އިޝްތިހާރުކުުރުމާއި ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ޤަވާޢިދުގައެވެ.
މި ޤަވާޢިދުގައި ވާގޮތުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ ކުށެއް ކަމަށާއި، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖުރިމަނާއެއް ކުރެވޭނެއެވެ.
އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި ޤަވާޢިދުގެ ދަށުން ހުއްދަނެތި ކާބޯތަކެތީގެ އިޝްތިހާރުކުރުމާއި، އެމްއެފްޑީއޭ އިން ފާސްކޮށްފައިވާ އިޝްތިހާރަކަށް އެއްވެސް ބަދަލެއް ގެނައުމަކީ ވެސް މަނާކަމެކެވެ. އަދި ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކިކަހަލަ ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް އިޝްތިހާރުކުރުމަކީ ވެސް މަނާކަމެކެވެ.
މި ޤަވާޢިދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން، އެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ޤަވާޢިދެކެވެ.
މި ލިޔުން ކިޔާލުމުން