ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތައް ހއ. ދިއްދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިއްދޫގައި ވެމްކޯގެ ޚިދުމަތްތައް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ފެށުނު ޚިދުމަތުގެ ސަބަބުން ދިއްދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށްވެސް ފައިދާކުރާނެ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގައި ބާރު އަޅައިދޭ އެއް ބަޔަކީ ކުޑަކުދިން ކަމަށާއި، ކުދިންނަށް ބޭނުންވާ މަޢުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެނަމަ، ގޭގެއިން ނިކުންނަ ކުނި ހުންނާނީ ރަނގަޅަށް ބައި އެޅިފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، މުޖުތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، ކޮންމެ ރަށެއްގައިވެސް ކައުންސިލާ ގުޅިގެން، ކައުންސިލުން އެދިއްޖެނަމަ އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
ދިއްދޫގައި ވެމްކޯގެ ޚިދުމަތްތައް އިފްތިތާޙްކޮށްފައިވާއިރު، މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިއްދޫގައި ކުނިމެނޭޖު ކުރުމުގެ ކަންކަން ވެމްކޯގެ ދަށުން މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.
މި ލިޔުން ކިޔާލުމުން