ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފައިވަނީ 38 މިލިއަން ޑޮލަރަށް ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕްބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ކައުންސިލް އިދާރާތައް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއީ އެމަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ކުންފުންޏެއްތޯ މިނިސްޓްރީން އަދި އިކޮނިމިކް ކައުންސިލުން ބެލުމަށް ފަހު ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އިިމާރާތް އަޅާ ނިންމާ 6 މަސްފަހުން ކޮންމެ ތަނެއް ނިމުމުން ވަކި ވަކިން ކަމަށެވވެ.
އަލަށް އިމާރާތް ކުރެވޭ އިމާރާތުގައި ކޮންމެ ކައުސިލެއްގެ ރައީސް، ނާއިބް ރައީސް ، ސެކެޓްރީ ޖެނެރަލް އަށް ވަކިން ކޮޓަރި ހެދޭނެކަމަށެވެ. އަދި އެހެން ކައުންސިލަރުންނަށް މަސައްކަތް ކުރަން ވަކި ތަނަކާ ޑަބްލިޔުޑީސީ އަށް އަދި ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ވަކި ތަނެއް ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއަށް އަޅުގަނޑުމެން ފައިސާ ދައްކަންޖެހޭނީ ކައުންސިލްތައް ނިންމާ މަސައްކަތް ނިމޭވަރަކުން.އަޅުގަނޑުމެން މިބަލަނީ 2028 ނިމެންވާއިރަށް އަޅުގަނޑުމެންނަށް މުޅިޕްރޮޖެކްޓަށް ޕޭކޮށް ނިމޭނެކަމަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި މަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެކަން ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހުގެ ތެރޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރާ 6 މަސް ތެރޭގައި ނިންމުމަށެވެ.
މި ލިޔުން ކިޔާލުމުން