ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލިސް މެންބަރުން ތަޢުލީމު ހާސިލުކުރުމަށް ނިންމެވި ނިންމެވުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިގޮތުން ޑރ. ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް ޢިއްޒަތްތެރި މެންބަރުން ޝަރީޢާ އެންޑް ލޯ ދާއިރާއިން ތަޢުލީމް ހާސިލުކުރައްވަން ނިންމެވިކަމަށްޓަކައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށާއި، އެއީ ޙަަޤީޤަތުގައި ތަޢުރީފު ޙައްޤު ވަރަށް ހެޔޮ ނިންމެވުމެއް ކަމަށެވެ.
މަޖްލިސް މެންބަރުންގެ ތެރެއިން އިއްޒަތްތެރި ބައެއް މެންބަރުން ޝަރީޢާ އެންޑް ލޯ ދާއިރާއިން ތައުލީމް ޙާޞިލްކުރައްވަން ނިންމެވިކަމަށްޓަކައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ޙަަޤީޤަތުގައި ތައުރީފު ޙައްޤު ވަރަށް ހެޔޮ ނިންމެވުމެއް. ކާމިޔާބަށް އެދެން.. @mvpeoplesmajlis
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 19, 2025
ޑރ. ޝަހީމް ވަނީ މިކަމުގައި މަޖިލިސް މެންބަރުންނަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން "އެޑްވާންސްޑް ސެޓިފިކެޓު އިން ޝަރީޢާ އެންޑް ލޯ" ގެ ނަމުގައި އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހާ ގުޅޭ މަޢުލޫމާތު ދިނުމަށް އައިޔޫއެމްގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ އިދާރާގެ އިސްވެރިންގެ އިތުރުން އައިޔޫއެމްގެ އިސްވެރިންނާއި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރާއިންވެސް ވަބީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ޢިލްމީ ގޮތުން ޤާބިލު މެންބަރުންތަކެއް ތިބި، ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހެއްދެވުމަށް ކަމަށެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ 20 ވަނަ މަޖިލިސް އިންތިޚާބުވުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އައިޔޫއެމް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ، އަލްއުސްތާޛު އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ މި ކޯހުގެ ކިޔެވުން ކުރިއަށްދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން