މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ސްޓޯރެޖް ސަރަހައްދުތައް ކަނޑައަޅައި ބަލްކުކޮށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެނަން ނިންމައިފިއެވެ.
އިކޮނޮމިކް މިިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ ސްޓޯރެޖް ސަރަހައްދުތައް ކަނޑައަޅައި އެ ވަސީލަތްތައް ގާއިމުކުރުމުން މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށެވެ. މިއީ ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނީގެ މައިގަނޑު އެއް މަގުސަދަކީ ބަލްކްކޮށް ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނުފަދަ އަސާސީ މުދާ ގެ ބޮޑު ޝިޕްމަންޓެއް ގެނެސް އެތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ހޯދައި ދިނުންކަމަށެވެ. ރާއްޖޭގެ ރަށްތައް އޮންނަނީ ވަކިންކަން ފާގަހަކުރައްވާ މނިސްޓަރ ވިދާޅުވީ ރަށްތަކުގައި ބޭނުން ނުކުރެވި ހުރި ބޮޑެތި ބިންތައް ހުރި ކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން އެފަދަ ބިންތަކުގެ ތެރެއިން ބަލްކް ސްޓޯރެޖް މަސައްކަތްތައް ކުރެވިދާނެ ތަންތަން ދެނެގަތުން ހިމެނޭކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް މިހާރު ނިންމަވާފައިކަމަށް ވެސް ވިދާޅުވިއެވެ.
"އެކުންފުނި އުފެއްދި ސަބަބަކީ، ރަށްރަށުގައި އެބަހުރި އިޤްތިޞާދީ މަސައްކަތް ނުފެށި ހުރި ހުސްބިންތަކެއް. މިފަދަ ތަންތާގައި އެންމެ ރަނގަޅު ސަރަހައްދުތަކުގައި ބަލްކް ސްޓޯރޭޖް ހެދޭނެ ތަންތަން ބަލާ ކަނޑައެޅުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައި. މިހާރު އެކުންފުނިން މަސައްކަތް ކުރޭ ބިން ލިބޭ ވަރަކުން ބަލްކްކޮށް މުދާ ބަހައްޓަން" މިނިސްޓަ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ކަނޑައެޅޭ ސަރަހައްދުތަކުގައި މުދާ ބަހައްޓައިގެން އަގުތައް ކުޑަކުރެވޭނެ ކަމަށާއި، ސްޓޯރޭޖްތައް ކަނޑައޭ ސަރަހައްދަކީ ޑިއުޓީ ނުނަގާ ސަރަހައްދުތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ އިމްޕޯޓުކުރާއިރު ޑިއުޓީ ދައްކަން ނުޖެހޭނެކަމަށާއި ރާއްޖޭގެ ބޯޑަރުން މުދާ އެތެރެކުރާއިރު ވަގުތުން ވަގުތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ފައިސާ ދައްކަން ނުޖެހޭކަމަށްވުމުން ކުންފުނިތަކަށްވެސް އިތުރު ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ވިޔަފާރި މާހައުލުގެ ތެރޭގައި އިތުބާރު އުފައްދާ، ބައެއް ގައުމުތަކާއިއެކު ލޯކަލް ކަރަންސީ ސެޓަލްމެންޓް މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް މިނިސްޓަރ ސަޢިދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މަސައްކަތްތަކުގައި ރަސްމީ ސިފަޖެހުމާއި އެކު އިންޑިއާ ފަދަ ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިމްޕޯޓު ޑިއުޓީގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދީގެން ރާއްޖެއަށް މުދާ ގެނައުން އިތުރުކުރެވޭނެ މަގުފަހިކޮށް ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި މުދަލުގެ އަގު ހެޔޮކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން