ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އޮންލައިން ނޫސް، "އަދަދު" އިން ގެނެސްދީފައިވަނީ ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް"، މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއްވެސް ޞައްޙަ ކަމެއް ނެތް މިފަދަ ދޮގު މަޢުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އަށް މި ފަހުން ގެނައި އިޞްލާޙުތައް ބާޠިލުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށްގެންދިއުމަށް އެ ކޯޓުން ވަނީ މިއަދު ނިންމައިފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިނެވެ.
އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. ގާނޫނުއަސާސީއަށް ގެނެވުނު މި އިސްލާހު ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އާއި 5 ވަނަ އަދި 8 ވަނަ މާއްދާގެ އިތުރުން ، 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
އަދި މި އިސްލާހު، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު އޮފީހުން ވިދާޅުވީ ޤާނޫނުއަސާސީ އަށް ގެންނަ އިޞްލާޙުތަކަކީ ޤާނޫނުއަސާސީގެ ބައެއް ކަމަށްވުމާއެކު، އެ އިޞްލާޙު މާނަކުރަންޖެހޭނީ އެގޮތަށް ކަމަށާއި، ޤާނޫނުއަސާސީ އަށް އިޖުރާއަތުގެ ތެރެއިން އުޞޫލާ އެއްގޮތަށް ގެނެވޭ އިޞްލާޙުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ މިވަގުތު އެ މައްސަލަ ކުރިއަށްގެންދަން ނިންމަވައި، މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދައުލަތެއް ދެއްވައިފައެވެ.
މި ލިޔުން ކިޔާލުމުން