ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ޢުމްރާއަށް ދާ ފަރާތްތަކުގެ ޑެބިޓް ކާޑު ލިމިޓު 1،500 ޑޮލަރަށް އިތުރުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢޫދީ ޢަރަބިއްޔާގައި ކަމަށާއި، މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.
މީގެ އިތުރުން، ޢުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޢުމްރާ ގްރޫޕްތަކުން މިކަމުގައި ޢަމަލު ކުރަންވީ ގޮތުގެ ތަފްސީލް އެ ގްރޫޕްތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި، ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ދާ ފަރާތްތަކުން އެ ގްރޫޕަކާ ގުޅުމަށް ބޭންކުން ވަނީ އަންގައިފައެވެ.
އަދި، ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ ޢުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓު ހަމަޖައްސައިދޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޑޮލަރުގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓުގެ އިތުރުން، ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ވިއްކާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން