ޓެކްސް ނުދައްކާ 21 ކުންފުންޏެއްގެ ނަން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މި ފަރާތްތަކަކީ މީރާގެ ވެބްސައިޓުގައި 10 ފެބުރުވަރީ 2025 ގައި ޝާއިޢުކުރެވުނު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފެބުރުވަރީ 16 ވަނަ ދުވަހުގެ ނިޔަލަށްވެސް ޓެކްސް ދައްކާފައި ނުވާ ފަރާތްތަކެވެ.
މި ފަރާތްތަކަކީ ބަހާލައިގެން ޓެކްސް ދެއްކުމުގެ ފުރުސަތު ދިނުމުންވެސް އެ ފައިސާ ދައްކާފައި ނުވާ ފަރާތްތަކެވެ. މިގޮތުން މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކްސް ފައިސާގެ އަދަދު 50،000ރ. އަށްވުރެ މަތި ކަމަށް މީރާއިން ބުނެއެވެ.
މީރާ މެދުވެރިކޮށް ދައުލަތަށް މިދިޔަ މަހު 3.34 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %47.7 ނުވަތަ 1.59 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އެއީ %35.8 ނުވަތަ 1.19 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ (%3.5)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ (%3.4)، ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ (%3.2)، އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (%2.0) ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން