ރާއްޖެއިން އިތުރު ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މިގޮތުން މި މަޤާމުތައް ޢައްޔަންކުރައްވަން ރައީސް ފޮނުއްވި ނަންތައް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައިފައެވެ.
މިގޮތުން ބްރޫނާއީ އަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ މިހާރު މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރްޔަމް ޝަބީނާ އަޙްމަދުގެ ނަމެވެ. އަދި ލަގްޒަމްބަރގާއި ނެދަރލެންޑްސަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ މިހާރު ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީގެ ނަމެވެ.
މީގެ އިތުރުން، ރައީސް ވަނީ ފްރާންސަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަން އަދި އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ލުވޭޒުގެ ނަން ހުށަހަޅުއްވައިފައެވެ.
މި ހަތަރު ބޭފުޅުންގެ ނަންވެސް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ލިޔުން ކިޔާލުމުން