އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ކުރިއަށްގެންދިޔަ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދުބާއީން ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ނައިބު ރައީސަށް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ޔޫއޭއީގެ ކެބިނެޓުގެ މިނިސްޓަރ އޮފް ސްޓޭޓް އަދި ސެކްރެޓަރީ ޖެނެރަލް، ހާ އެކްސެލެންސީ މަރްޔަމް ބިންތި އަޙްމަދު އަލް ޙައްމާދީ އެވެ.
"ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް"، މި ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13 އަށް ދުބާއީގައި ބޭއްވި ވޯލްޑް ގަވަރމަންޓް ސަމިޓް 2025 ގެ މަޤުޞަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ "ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް" ގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމަކީ ތަޖުރިބާކާރުންގެ ތަޖުރިބާތަކާއި ވިސްނުމާއި ގޮންޖެހުންތަކާއި ކާމިޔާބީތައް ހިއްސާކުރުމަށް ފަރުމާކޮށްފައިވާ މަންސައެކެވެ. މި ފޯރަމްގައި ތަފާތު ސިނާއަތްތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ހަގީގީ ދުނިޔޭގެ ތަޖުރިބާތަކާއި، އީޖާދީ ސިޔާސަތުތަކާއި އަގުހުރި ފިލާވަޅުތައް ހިއްސާކުރާނެއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ގޮންޖެހުންތަކުން އަރައިގަތުމާއި، އުފެއްދުންތެރި ހައްލުތައް ހޯދުމާއި، އިސްވާރުންގެ ދައުރު އިތުރުކުރުމާއި، ސިނާއަތަށް އަހުލުވެރިކުރުމާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ސަމިޓުގެ ޕްލެނަރީ ސެޝަނާއި، ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އަދި އެމަނިކުފާނު ވަނީ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި ކުރިއަށްދިޔަ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން