މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ބައިލައްކައަށް ވުރެ ގިނަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން އެންމެ ފަހުން އެ ވުޒާރާއިން ޝާއިޢުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދު 50،979 އަށް އަރާފައިވާއިރު، މިއީ ރާއްޖެ އައި ޖުމުލަ ފަތުރުވެރިންގެ %16.8 އެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 28،997 މީހުންނެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތް ޔޫކޭގެ 27،917 ފަތުރުވެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 11 ފެބުރުވަރީ އާ ހަމައަށް ރާއްޖެއަށް 303،447 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.7 އިތުރު އަދަދެކެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 279،234 ފަތުރުވެރިން އައިސްފައިވާއިރު 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 239،555 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިވަގުތު 172 ރިސޯޓާއި، 15 ހޮޓަލާއި، 796 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެއް ހިންގަމުންދެއެވެ. މި ތަންތަނުގައި ޖުމުލަ 61،027 އެނދުގެ ޖާގަ އެބަހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ލިޔުން ކިޔާލުމުން