ޝަރީޢަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ކުރިއަށްގެންދާ ބަންދު ފޯރަމްގެ ތެރެއިން ޖުޑީޝަރީއާ މަޝްވަރާކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ޖުޑީޝަރީއަށް ޚާއްޞަކޮށްގެން ފޯރަމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ކޯޓުތަކުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަތަކާ އެކުވެސް، މައްސަލަތަކުގެ ޝަރީޢަތް އަވަސްކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ އިދާރާތަކުން ކޯޓުތަކަށް ކޮށްދެވޭނެ ކަންކަން ދެނެގަތުން ކަމަށެވެ. އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައި އޮންނަ އޮތޯރިޓީގެ ޙައިޞިއްޔަތުން މި އޮފީހަށް ކޮށްދެވެންހުރި ކަންކަން ދެނެގަތުމަކީ މި ފޯރަމްގެ މަޤުޞަދެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ޝަރުޢީ ދާއިރާއަށް ޚާއްޞަކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ބަންދު ފޯރަމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ ޤާޟީންނާއި ކޯޓުތަކުގެ މެޖިސްޓްރޭޓުން ހިމެނޭގޮތުން 60 އަށްވުރެ ގިނަ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ފޯރަމްގައި ވަނީ ކޯޓުތަކުގައި ތާވަލުކުރެވޭ އަޑުއެހުންތައް ކެންސަލްކުން މަދުކުރުމަށްޓަކައި، ސެންޓްރަލައިޒްޑް ޝެޑިއުލިންގ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުންނާއި، މައްސަލަތަކުގެ ޢިބްތިދާއީ އަޑުއެހުންތައް މަދުކުރުމަށްޓަކައި، ޝަރީޢަތުގެ ބޭރުން އިދާރީ ގޮތުން ކުރެވެންހުރި ކަންކަން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމާ ނުލައި ކުރިއަށްގެންދިއުމާއި، ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ދިމާވާ މައްސަތަކަށް ޙައްލު ހޯދުމާއި، ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭ ޤާނޫނީ މަޝްވަރާގެ އިތުރުން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ނިޒާމު ފުޅާކުރުން އަދި މައްސަލަތަކުގެ ލިޔުންތައް ޙިއްޞާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން މި ފޯރަމްގައި ވަނީ މައްސަލަތަކުގެ ޝަރީޢަތްތައް މިހާރަށްވުރެ އަވަސްކުރުމަށް ނިޒާމަށް ގެނެވެންހުރި ބަދަލުތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.
ޕީޖީ އޮފީހުން ބުނީ މި ފޯރަމްގައި ފަނޑިޔާރުންގެ ފަރާތުން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި، އެގޮތުން އެކަށީގެންވާ އިންސާނީ ވަޞީލަތް ނުލިބުމާއި، ކޯޓުތަކަށް ބޭނުންވާ ޢިމާރާތާއި ވަސީލަތްތައް ނުލިބޭ މައްސަލަ ފަނޑިޔާރުން ތަކުރާރުކޮށް ފާހަގަކުރައްވާފައިވާ ކަމަށެވެ.
މި ފޯރަމްގައި ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމާއި އެ ކޮމިޝަންގެ މެންބަރުންނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކު މިމަހުގެ 1 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން