ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާ ގުޅިގެން "ރޯދަ ސާފު"ގެ ނަމުގައި ކުރިއަށްގެންދާ މާލެ ސާފުކުރުމުގެ ހަރަކާތް ފަށައިފިއެވެ. މި ހަރަކާތް ފެށީ މިއަދު ހެނދުނު 6:15 ގައެވެ.
މިއަދު މި ހަރަކާތް ފެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މި ހަރަކާތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަކާއި، ގިނަ ޢަދަދެއްގެ މުއައްސާސާތަކުން ބައިވެރިވެ ދެއްވުމަށް އެތައް ސަތޭކަ ބަޔަކު އެއްވުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ގުޅުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދެ ވުޒާރާއިން އިސްވެ ގޮވައިލެއްވި ގޮވައިލެއްވުމަށް މިހައި ބޮޑު އިޖާބައެއް ދެއްވައި އެތައް ސަތޭކަ ބަޔަކު، މި ޙަރަކާތުގައި ބައިވެރިވެދެއްވި ކަމަށް ޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައިއާއި އަދި ވަޒީރުގެ އަމިއްލަ ނަންފުޅުގައި އެ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ފެށި މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި ކުންފުނިތަކަކުން ބައިވެރިވެއެވެ. މި ހަރާކުގައި ގުރޫޕް 1 އިން ސާފުކުރަމުން ދަނީ އާޓިފިޝަލް ބީޗް ސަރަޙައްދު ކަމަށްވާއިރު، ގުރޫޕް 2 އިން ސާފުކުރަމުން ދަނީ އުސްފަސްގަނޑު ހިމެނޭ ސަރަހައްދެވެ. މީގެ އިތުރުން، ގުރޫޕް 3 އިން ސާފުކުރަމުން ދަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދު ކަމަށްވާއިރު، ގްރޫޕް 4 އިން ސާފުކުރަމުން ދަނީ ޕޯރޓްސް ލިމިޓެޑް ހިމެނޭ ސަރަހައްދު އަދި ގްރޫޕް 5 އިން ސާފުކުރަމުން ދަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދެވެ.
ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން މާލެތެރެއާއި، މާލޭގެ މުހިންމު ގިނަ ސަރަހައްދުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރެވޭނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް މަސައްކަތަށް ބޭނުންވާ އަންގިއާއި، ގޯންޏާއި، ބޯފެން ފަދަ އެއްޗެހި ފޯރުކޮށްދެނީ ސިޓީތަކާ ބެހޭ ވުޒާރާއިންނެވެ.
މި ލިޔުން ކިޔާލުމުން