އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކާށީގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފައެވެ.
މާދަމާއިން ފެށިގެން ކާށްޓެއް 5 ރުފިޔާގެ ރޭޓުން ވަނީ ވިއްކަން ހަމަޖައްސާފައެވެ. އަދި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މިއަހަރުގެ ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، އަގު މައްޗަށް ދާ ތަކެތި ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެއެވެ.
މިގޮތުން މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު 10 ރުފިޔާއިން ފެށިގެން 25 ރުފިޔާއާ ހަމައަށް ހުރި ނަމަވެސް، ރަމަޟާން މަހަށް ޚާއްޞަކޮށް އިންޑިއާއިން އިމްޕޯޓްކުރާ ކާށި 5 ރުފިޔާގެ އަގުގައި ވިއްކުމަށް ވަނީ ނިންމާފައެވެ.
ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރުގެ އިތުރުން، ތާޒާ ތަރުކާރީއާއި މޭވާ، ތައްޔާރީ ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން