ރަސްފަންނާއި ސަލްޓަން ޕާކު ކުރިއަށްވުރެވެސް ފުރިހަމަކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ރައީސްގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
މީގެ އިތުރުން ރައީސް ވިދާޅުވީ، މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން"، ރައީސް ވިދާޅުވިއެވެ.
ސަލްޓަން ޕާކާއި ރަސްފަންނު ޕާކު ސަރަހައްދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ހިތްފަސޭހަކޮށްލުމަށް ގޮސް އުޅޭ ދެ ތަނެކެވެ. ސަލްޓަން ޕާކަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤުބޫލު ތަނަކަށްވާއިރު، އެއީ ރާއްޖޭގެ ތާރީޚާވެސް ގުޅިފައިވާ ތަނެކެވެ. މީގެ އިތުރުން ރަސްފަންނު ޕާކު ސަރަހައްދުގައިވެސް ރައްޓެހިންނާއެކީ ވަގުތު ހޭދަކުރުމަށާއި މޫދަށް އެރުމަށް ގިނަ ބަޔަކު އަބަދުވެސް ގޮސް އުޅެއެވެ. މި ތަންތަނުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދޭތެރެ ދޭތެރެއިން ކުރިއަށްގެންދެއެވެ.
މި ލިޔުން ކިޔާލުމުން