މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާ ކަމުގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
މިގޮތުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ކުރިއަށްދާ ވޯލްޑް ގަވަރމަންޓް ސަމިޓް 2025 ގެ ހަވާސާގައި ކުރިއަށްގެންދިޔަ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭ ކަމަށާއި، އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލެއްވީ ހަމައެކަނި ވައުދުތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުންވެސް އެގޮވާލެއްވުމުގައި ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހަމަ އެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވިދާޅުވީ، މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށެވެ.
ކޮޕް-28 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ދިވެހި ރާއްޖެއިން ހިފާފައި އޮތް ވަރުގަދަ އަމާޒުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫޢުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން