ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ އެއާލައިންގެ އިޞްލާޙުކުރުމާއި ޒަމާނީކުރުމުގެ އެޖެންޑާގެ ދަށުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ކާމިޔާބުކުރި އީއޭއެސްއޭ ޕާޓް-145 ސެޓުފިކެޓުގެ ސަބަބުން އޭވިއޭޝަން ދާއިރާ އިތުރަށް ހަރުދަނާވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އައިލަންޑް އޭވިއޭޝަނަށް މި ސެޓިފިކޭޝަން ލިބުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ޤައުމީ އެއާލައިނަށް މަރުޙަބާ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިއީ ރާއްޖެއަށް އޭވިއޭޝަން މެއިންޓަނަންސްގައި މިފަދަ ތާރީޚީ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
Congratulations to @MaldivianAero on achieving the EASA Part 145 approval certification—the first time for such a historic milestone in aviation maintenance for the Maldives!
This achievement, expedited under Prez Dr. @MMuizzu ’s national airline reform and modernisation agenda,… https://t.co/c5NHboK4Ju— Mohamed Ameen (@ameen3d) February 13, 2025
އައިލެންޑް އޭވިއޭޝަނަށް ލިބުނު މި ކާމިޔާބީން ރަމްޒުކޮށްދެނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ބޭރުގެ 11 ސިވިލް އޭވިއޭޝަން އޮތޯރިޓީއެއްގެ މެއިންޓަނަންސް އެޕްރޫވަލް ހިމެނޭ ގޮތަށް އެ އެ ކުންފުނީގެ އިންޖިނިއަރިންގ އަށް ލިބިފައިވާ 12 ވަނަ ޕާޓް-145 އެޕްރޫވަލެވެ.
އީއޭއެސްއޭ ޕާޓް 145 އެޕްރޫވަލްގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕްގައި ރަޖިސްޓްރީކޮށްފައިވާ އެއާކްރާފްޓްތަކަށް ސީދާ މެއިންޓަނަންސްގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބޭނެއެވެ. އައިލެންޑް އޭވިއޭޝަނަކީ ޒަމާނުއްސުރެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއާލައިންތަކަށް ފުޅާ ދާއިރާއެއްގައި މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.
މި ކާމިޔާބީ އާ ގުޅޭގޮތުން އެ ކުންފުނީގެ ޑިރެކްޓަރ އޮފް އިންޖިނިއަރިންގ އޮޕަރޭޝަންސް، މުޙައްމަދު ޙަސަން ވިދާޅުވީ މި ސެޓުފިކެޓަކީ ކުރިއަށް އޮތް ތަނުގައި އެއާލައިނަށާއި ފަސިންޖަރުންގެ ކުރިއެރުމެއް ލިބުނު އެހީތެރިކަމެއް ކަމަށެވެ. މީގެ އިތުރުން، މިހާރުގެ އެއާލައިން ޕާޓްނަރުންނަށް ސެޓުފިކެޓު ލިބިފައިވާ މެއިންޓަނަންސް ޚިދުމަތްތަކާއި އޮން-ސައިޓް ސަޕޯޓްގެ ފައިދާ ލިބޭނެ ކަމަށާއި، އޮޕަރޭޝަންތަކުގެ ތެރެއިން އެއާކްރާފްޓަކަށް ދިމާވެދާނެ އެއްވެސް މައްސަލައެއް އަވަހަށް ހައްލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި، މި ކާމިޔާބީން އެނގެނީ އެ ކުންފުނިން ފެންފަޅު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށާއި، ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްހަމަ ކުރެވޭނެކަން ކަމަށް އޭނާ ވިދާޅުވިއެވެ. ޙަސަން އިތުރަށް ވިދާޅުވީ، މި އެޕްރޫވަލްގެ ސަބަބުން މޯލްޑިވިއަންގެ އެއާކްރާފްޓް އިންޖިނިއަރުންނަށާއި، މެކޭނިކުން އަދި އޭވިއޭޝަން ދާއިރާގެ އެހެނިހެން މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ކުރިއެރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އައިއޭއެސްއެލްގެ އިންޖިނިއަރިންގ އިން ދަނީ މިހާރުވެސް ފުޅާ ދާއިރާއެއްގައި މެއިންޓަނަންސް ސަޕޯޓް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދޭ އެއާކްރާފްޓްތަކުގެ ތެރޭގައި އެއާބަސް އޭ320 އާއި، އޭ330 އާއި އޭ350 އާއި ބޮއިންގ 737، 767، 777 އަދި 787 ގެ އިތުރުން ސެސްނާ 150/152F، ޓެކްނެމް P2006T, DHC-6, DHC-8 އާއި އޭޓީއާރު 42/72 ވެސް ހިމެނެއެވެ.
މިހާރު އައިލެންޑް އޭވިއޭޝަނުން ބައިނަލްއަގްވާމީ 30 އަށް ވުރެ ގިނަ އެއާލައިނަށް ލައިން މެއިންޓެނަންސްގެ ހިދުމަތް ދެއެވެ. އީއޭއެސްއޭ ޕާޓް-145 ސެޓުފިކެޓުގެ ސަބަބުން އެ ކުންފުނީގެ ޤާބިލުކަން އިތުރުވެ، ދުނިޔޭގެ އޭވިއޭޝަން މެއިންޓަނަންސް ދާއިރާގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނިވެގެންދާނެ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ސެޓުފިކޭޝަނާއެކު، އެ ކުންފުނި ވަނީ އޭވިއޭޝަން ދާއިރާގެ އިތުރުވަމުންދާ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދެވޭނެ، ކޮލިޓީ މެއިންޓެނަންސް ޚިދުމަތްތައް ބޭނުންވާ އައު އެއާލައިން ޕާޓްނަރުން ހޯދުމަށް ތައްޔާރުވެފައި ކަމަށެވެ.
މި ލިޔުން ކިޔާލުމުން