ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާރާމާރީތަކުގައި ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ.ފުވައްމުލައް، ދަގުވާޑު، ބަނަފްސާގެ ހުސައިން އަރީޝް (31އ) އެވެ.
ފުލުހުން ބުނީ އަރީޝް ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނިކޮށް، މެލޭޝިއާއަށް ފުރައިގެން ދިއުމުން، މެލޭޝިއާ އަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު ކަމަށެވެ.
މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ.
މި ލިޔުން ކިޔާލުމުން