ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލް ވަނީ ނީލަން ކިޔުމަށް ނިންމާފައިވާ މުދަލުގެ ލިސްޓު އާންމުކޮށް، ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މިގޮތުން އެމްޕީއެލް އިން ބުނީ ފެބުރުވަރީ 23 ވަނަ ދުވަހުގެ 15:30 ގެ ކުރިން އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް އެދެވޭނެ ކަމަށާއި، މުދާ ބެލުން އޮންނާނީ ހަމަ އެ ދުވަހުގެ 16:30 ގައި ކަމަށެވެ.
މީގެ އިތުރުން، މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް ބޫޓާއެކުއެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ކަމަށާއި، ނީލަން ކިޔުން އޮންނާނީ 2025 ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ 14:00 އިން 2025 ފެބްރުއަރީ 25 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ބުނީ ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި، މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ނުގެންގޮސް އަބަދުވެސް ހުރެއެވެ. މިގޮތަށް މުދާ ނުގެންގޮސް ހުރުމުގެ ސަބަބުން ބަނދަރު ފުރި، މަސައްކަތަށް ދަތިވެއެވެ.
މި ލިޔުން ކިޔާލުމުން